ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ހޯނޑެއްދޫ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ސީދާ ރައްޔިތުންނަށެވެ.

ހޯނޑެއްދޫ ކައުންސިލުންދޭ ޚިދުމަތްތައް

ލާމަރުކަޒީ ޤާނޫނުގެ ދަށުން ހޯނޑެއްދޫ ކައުންސިލުން ރައްޔިތުންނަށް އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ ތެރޭގައި ރަށް ހިންގުމަށް މުހިންމު އުސޫލުތަކާއި ޤަވާއިދުތައް އެކުލަވާލުމާއި، ރައްޔިތުންގެ ފަރާތުން ނިންމަންޖެހޭ ކަންކަން ނިންމުމާއި، ރަށުގެ އާންމު ތަންތަނާއި ސަރަޙައްދުތައް ބެލެހެއްޓުމުގެ އިތުރުން އެހެނިހެން މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ރަށުގެ ތަރައްޤީއަށްޓަކައި ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް ސަރުކާރާއި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، އެކަންކަމުގައި ޖަވާބުދާރީވުމަކީވެސް ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެއިތުރުން، ރަށުގެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ކަރަންޓް، ފެން އަދި ނަރުދަމާގެ ޚިދުމަތްތަކާއެކު، އެހެނިހެން ރަށްވެހިކަމުގެ 25 ޚިދުމަތް ފޯރުކޮށްދިނުމަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލާ މަތިކޮށްފައިވާ ޒިންމާއެކެވެ.

ލޯކަލް ގަވަރމަންޓް ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ މާލީ ކަންކަން ބެލެހެއްޓުމާއި، އެކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ޖަވާބުދާރީވުމަކީވެސް ކައުންސިލުގެ މުހިންމު މަސްއޫލިއްޔަތެކެވެ.

އަދި ތަރައްޤީގެ ޕްލޭނުން ހާސިލުކުރެވޭ ކަންކަން ރައްޔިތުންނާ ހިއްސާކުރުމަށްޓަކައި ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމާއި، ކައުންސިލުގެ މަސައްކަތު ތާވަލު، ބަޖެޓު އަދި ތަރައްޤީގެ ޕްލޭން ރައްޔިތުންނާ ހިއްސާކޮށް، ތަރައްޤީގެ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީވެސް ކައުންސިލުން އަދާކުރަންޖެހޭ މުހިންމު ޒިންމާއެކެވެ.

އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާގޮތް

ގދ. ހޯނޑެއްދޫ ކައުންސިލް އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު 3 ޔުނިޓަކަށެވެ. އެއީ ކޯޕަރޭޓް އެފެއާޒް ޔުނިޓް އަދި އިންފްރާސްޓްރަކްޗަރ އެންޑެ މުނިސިޕަލް ސާރވިސް ޔުނިޓުގެ އިތުރުން ސޯޝަލް އެންޑް އިކޮނަމިކް ޑިވެލޮޕްމަންޓް ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައިވެސް އިދާރީ މަސަތްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރަމުންދާނީ ސިވިލްސަރވިސް މުވައްޒަފުންނެވެ.

ތަސައްވަރު

އިސްލާމްދީނަށާއި، ދިވެހިޖުމްހޫރީއްޔާގެ ޤާނޫން އަސާސީއާއި، ޤާނޫންތަކަށް ހުރުމަތްތެރިކޮށް ހިތާ، ޤާނޫންތަކުން ލާޒިމްކުރާ އެންމެހާ ހައްގުތަކެއް ފުރިހަމައަށް ލިބިގެންވާ އެއްބައިވަންތަ، ހޭލުންތެރި ރައްޔިތެއް ދިރިއުޅޭ ރަށަކަށް ހޯނޑެއްދޫ ވެގެންދިއުން.

ކައުންސިލްގެ އަމާޒު   

ދިވެހިޖުމްހޫރިއްޔާގެ ޤާނޫން އަސާސީއާއި، ޤާނޫން ތަކުގައިވާ ގޮތުގެ މަތިން އެންމެނަށް ހަމަހަމަ އުޞޫލުން ޚިދުމަތްދިނުމާއި، މުޖުތަމަޢުގެ ޙައްގުތަކާއި، ފަރުދުންގެ ޙައްގުތައް ރައްކާތެރި ކުރެވިފައިވާ ރަށަކަށް ހޯނޑެއްދޫ ހެދުން.

ތަފާސް ހިސާބުގެ ބައި

1354+

ރަށްވެހިން

10+

ތަރައްގީގެ މަޝްރޫއުތައް ނިމިފައި

85+

ކަނޑައެޅިފައިވާ އަމާޒުތަށް ހާސިލްވެފައި

ކައުންސިލުން ބަލަހައްޓާ ތަންތަން

މަސްޖިދުލް ފުރްޤާން

ހޯނޑެއްދޫގެ މައި މިސްކިތްކަމުގައިވާ މަސްޖިދުލް ފުރްޤާނަކީ ރަށުގެ މައި މަރުކަޒީ މިސްކިތެވެ. މި މިސްކިތަކީ ހުކުރު ނަމާދު އަދާކުރެވޭ މިސްކިތެއް ކަމުގައިވެފައި، މިތަނުގައި އެއްފަހަރާ 600 އެއްހާ މީހުންނަށް އިށީނދެގެން އަޅުކަން ކުރެވޭނެ ޖާގަ ލިބިފައިވެއެވެ.

މި މިސްކިތުގެ ޚިދުމަތްތައް ބެލެހެއްޓުމަށްޓަކައި ކައުންސިލުން މުސާރަ ދެމުންގެންދާ 2 އިމާމުންނާއި 3 މަސައްކަތު މީހުން މަސައްކަތް ކުރަމުން ގެންދެއެވެ.

އަތުނަރުކޮޑާ ހިތްފަސޭހަ މައިޒާން

ހޯނޑެއްދޫގެ ޒުވާނުންނާއި އަމިއްލަ ފަރާތްތަކުގެ މަސައްކަތުން ތަރައްޤީ ކުރެވިފައިވާ ބީޗް ޕާކެއް ކަމުގައިވާ އަތުނަރުކޮޑާ ހިތްފަސޭހަ މައިޒާނަކީ، މިހާރު ވަރަށް މަޝްހޫރު ތަނަކަށް ވެފައިވެއެވެ.

މި ސަރަޙައްދަކީ ހަމައެކަނި ހޯނޑެއްދޫ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. އިންވެގެން އޮންނަ މަޑަވެލި ރަށުގެ ރައްޔިތުންވެސް މޫދަށް އެރުމަށާއި، ޢާއިލާއާއެކު މުނިފޫހިފިލުވުމަށް ޒިޔާރަތްކުރާ ވަރަށް މަޤްބޫލު ތަނެކެވެ.

ގަބުރުސްތާނު

ލާމަރުކަޒީ ޤާނޫނުގެ ދަށުން، ހޯނޑެއްދޫ ކައުންސިލުން ވަނީ ގަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ އެންމެހާ ކަންކަން ހަވާލުވެފައެވެ.

މިހާރު ގަބުރުސްތާނުގެ ގޮތުގައި ބޭނުންކުރަމުންދަނީ ކުރީގެ ހުކުރު މިސްކިތާ އިންވެގެންވާ ސަރަޙައްދެކެވެ. މި ސަރަޙައްދަކީ ގާތްގަނޑަކަށް 20,000 އަކަފޫޓުގެ ބޮޑުމިނުގެ ބިމެކެވެ.

ރަށު ބަނދަރު

2023 ވަނަ އަހަރު ހޯނޑެއްދޫގައި ޚިދުމަތް ދޭން ފެށި އައު ބަނދަރަކީ، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ ބަނދަރެކެވެ. މި ބަނދަރުގެ އެންމެހާ ބެލެހެއްޓުމުގެ ކަންކަމާއި، ހިންގުމަށް ހިނގާ އެންމެހާ ޚަރަދުތައް ހަމަޖައްސަމުން ގެންދަނީ ހޯނޑެއްދޫ ކައުންސިލްގެ ބަޖެޓުންނެވެ.

ކައުންސިލްގެ އެންމެ މުހިންމު އެއް އަމާޒަކީ ރަށުގެ ރައްޔިތުންނަށް ބަނދަރުގެ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ކަކުޑު އޮޅާ ހިތްފަސޭހަ މައިޒާން

ހޯނޑެއްދޫ ކައުންސިލްގެ މާލީ އެހީތެރިކަމާއެކު، ހޯނޑެއްދޫ ސްޕޯޓްސް (ޖަމްޢިއްޔާ) އިން ވަނީ ކަކުޑު އޮޅާ ހިތްފަސޭހަ މައިޒާން ތަރައްޤީކޮށްފައެވެ.

މި މައިޒާނަކީ ރަށުގެ ގިނަ ރައްޔިތުން ޢާއިލާއާއެކު މުނިފޫހިފިލުވުމަށާއި، ޕިކްނިކް ފަދަ ކުދި ދަތުރުތައް ދިއުމަށް އެންމެ މަޤްބޫލު އެއް ސަރަޙައްދެވެ.

ކައުންސިލްގެ ރައީސްގެ ބަޔާން