ހޯނޑެއްދޫ ކައުންސިލާއި މިނާ ޙައްޖު ޢުމްރާ ގްރޫޕާ ދެމެދު އޮންނަ އެކުވެރި ގުޅުމުގެ ދަށުން، 17 ޖަނަވަރީ 2025 ވަނަ ދުވަހުގެ ރޭ ހޯނޑެއްދޫގައި މިސްކިތު ދަރުހެއް ކުރިއަށް ގެންދެވުނެވެ. މި ދަރުހަކީ ރަށުގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ޚާއްޞަ ޕްރޮގްރާމެކެވެ.
މި ދަރުހުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ އިސްލާމްދީނުގައި ދުޢާގެ މުހިންމުކަމާއި، ދުޢާކުރުމުގެ އަދަބުތަކާއި، އަޅުކަން ކުރުމުގައި ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކުގެ މައްޗަށެވެ. ދަރުސް ދެއްވި އިލްމުވެރިޔާ ވަނީ ޤުރުއާނާއި ސުންނަތުން ހެކިތައް ގެނެސްދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
މި ދަރުހުގައި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެ، ދީނީ ޢިލްމު އުނގެނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. ކައުންސިލުން ވަނީ މިފަދަ ދީނީ ޕްރޮގްރާމްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ހާމަކުރައްވާފައެވެ.
ހޯނޑެއްދޫ ކައުންސިލުން މިފަދަ ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ރިވެތި އަޚްލާޤާއި އާދަކާދަތައް ދިރުވައި އާލާކުރުމެވެ.
ކައުންސިލުން ޝުކުރުވެރިކަމާއެކު ފާހަގަކުރަނީ މިނާ ޙައްޖު ޢުމްރާ ގްރޫޕުން މިފަދަ ފައިދާހުރި ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގައި ދެއްވި އެހީތެރިކަމާއި އެއްބާރުލުމެވެ.